ޣައްޒާގައި ޝަހީދުކޮށްލި މީހުންގެ އަދަދު 74،772 އަށް އަރައިފި

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ޝަހީދުކޮށްލި މީހުންގެ ޖުމްލަ އަދަދު 74,772 އަށް އަރައިފިއެވެ.
ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތަކާއި އަލްޖަޒީރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2023 އޮކްޓޯބަރު 7 އިން ފެށިގެން މި ހިނގާ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު ވަނީ 74,772 އަށް އުފުލިފައެވެ. މީގެ އިތުރުން، މި ހަމަލާތަކުގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންގެ އަދަދު މިހާރު ވަނީ 175,298 އަށް އަރާފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ކަމަށް ބުނާ "ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ" އެކު ވެސް، އިސްރާއީލުގެ ނިރުބަވެރި ސަރުކާރުން ދަނީ އެއްވެސް ރަހުމެއް ނެތި ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އަމާޒުކޮށް ސިލްސިލާ ހަމަލާތައް ދެމުންނެވެ. ހަނގުރާމަ ހުއްޓާލުމުގެ ނަމުގައި ކުރިއަށްގެންދާ މި މަސައްކަތްތަކަށް އަހަރެއްވާން ކައިރިވެފައިވާއިރު، ބިމުގެ ހަގީގަތަކީ ހުއްޓުމެއް ނެތް ލޭއޮހޮރުވުމެވެ.
އެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން އެކަނިވެސް ފަލަސްތީނުގެ 1,705 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އަލްޖަޒީރާގެ ރިޕޯޓްތައް ބުނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 6,163 އަށް އަރާފައެވެ.
ޝަހީދުވި މީހުންގެ އަދަދު ރަސްމީކޮށް 74,700 އަށް ވުރެ މަތީގައި އުޅުނު ނަމަވެސް، ހަގީގީ އަދަދު މިއަށްވުރެ އެތައް ގުނައެއް އިތުރުވުން އެކަށީގެންވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ. އެގޮތުން، އިސްރާއީލުން ދިން ހަމަލާތަކުގައި ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ކުނިތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުންގެ އަދަދު ގިނަވުމަކީ މި އަދަދު އިތުރުވާނެ މައިގަނޑު ސަބަބު ކަމުގައި ރިޕޯޓްތައް ބުނެއެވެ.




