ތެލެސީމިއާ ފަރާތްތަކަށް ބޮޑު ލުޔެއް، ފަރުވާ ހޯދުމަށް ކުރާ ދަތުރުތައް އާރްޓީއެލްއިން ހިލޭ ކުރެވޭނެ!

ތެލެސީމިއާއަށް ފަރުވާ ހޯދުމަށްދާ ފަރާތްތަކަށް އެމްޓީސީސީން ފޯރުކޮށްދެމުން އަންނަ އާރްޓީއެލް ފެރީ އަދި ބަސް ދަތުރުތައް މިއަދުން ފެށިގެން ހިލޭ ކުރެވޭނެ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ވިދާޅުވީ، ތެލެސީމިއާއަށް ފަރުވާ ހޯދުމަށް އާރްޓީއެލް ފެރީއާއި ބަހުގައި ވަޑައިގަންނަވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖެއްސުމާއެކު، މިއަދުން ފެށިގެން އެފަރާތްތަކަށް އެދަތުރުތައް ހިލޭ ކުރެވޭނެ ކަމަށެވެ.
އެގޮތުން ފަރުވާއަށްދާ ދަތުރުތައް ހިލޭ ކުރެވޭނީ ތެލެސީމިއާއަށް ފަރުވާ ހޯދާކަން އަންގައިދޭ ކާޑު އޮންނަ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އެހީތެރިއަކަށްދާ ފަރާތްތަކަށް ކަމަށް ވެސް އެމްޓީސީސީން ވިދާޅުވިއެވެ.
މި ހިދުމަތާއި ބެހޭ އިތުރު މައުލޫމާތު އެކުންފުނީގެ ހޮޓްލައި 1650 ނުވަތަ 7369221 އަށް ގުޅުމުން ލިބޭނެ ކަމަށް ވެސް އެމްޓީސީސީން ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ތެލެސީމިއާއަށް ފަރުވާ ހޯދުމަށްދާ ފަރާތްތަކުން ގިނައިރު، އެފަރާތްތަކުން ކުރާ ދަތުރުތައް ދިގުވެ، އަގުބޮޑުވުމުގެ ޝަކުވާއަކީ ދޭތެރެއަކުން އިވޭ ޝަކުވާއެކެވެ. އާރްޓީއެލްގައި އެފަރާތްތަކަށް އެދަތުރުތައް ހިލޭ ކުރެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދިނުމަކީ އެފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.




