އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ފޮރިން މިނިސްޓަރު އިރުތިޝާމް ބައްދަލުކުރައްވައިފި

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިހާރު ކުރިއަށްދާ 'އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން' (އައިއޯއާރުއޭ) ގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ހަވާސާގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އިއްޔެ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމަކީ އައިއޯއާރުއޭގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ވަފުދުތަކުގެ އިސްވެރިން، ބޮޑުވަޒީރު މޯދީގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިން ބޭއްވުނު ޚާއްޞަ ބައްދަލުވުމެކެވެ.
މި ބައްދަލުވުމަށްފަހު ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' މެދުވެރިކުރައްވައި މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ބޮޑުވަޒީރު މޯދީއާ ބައްދަލުކުރެއްވުމަކީ ލިބިވަޑައިގެންނެވި ނުހަނު ބޮޑު ޝަރަފެއް ކަމަށެވެ. އަދި ރާއްޖެއަކީ އަބަދުވެސް އިންޑިއާގެ އިޚްލާޞްތެރި އެކުވެރިއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ބޮޑުވަޒީރު މޯދީއަށް އެރުވި ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އިންޑިއާއިން ރާއްޖެއަށް ޒަމާނުއްސުރެ ދެމުންދާ އެހީތެރިކަމާއި ބަހައްޓަވާ ގާތް އެކުވެރިކަމަށްޓަކައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް ބޮޑުވަޒީރު މޯދީ ގެންގުޅުއްވާ އަމިއްލަފުޅު ޝައުޤުވެރިކަމާއި ކުރައްވާ ބުރަ މަސައްކަތްޕުޅުތަކަށް މިނިސްޓަރު ތައުރީފު ކުރެއްވިއެވެ.
މީގެއިތުރުން، ދެ ޤައުމުގެ ގުޅުމުގެ ތެރެއިން ހިންގޭ މުހިންމު ތަރައްޤީގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ: "ތިލަމާލެ ބްރިޖް ނުވަތަ ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ދެ ޤައުމުގެ އެއްބާރުލުމާއެކު ހާސިލްކުރެވޭނެ ކަންކަމުގެ ވަރަށް ފުރިހަމަ ރަމްޒެއް."
މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު އިރުތިޝާމް ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާ ވެސް ބައްދަލުކުރައްވައި، ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.




