ވިލިމާލޭގައި ކައިވެނީގެ ބޭރުން އަންހެނަކު ވިހެއި މައްސަލައެއް، އެއް ކުއްޖަކު ނިޔާވެއްޖެ

ކައިވެނީގެ ބޭރުން ވިލިމާލޭގައި އަންހެނަކު އެއްމާބަނޑު ދެ ކުދިން ވިހެއި މައްސަލައެއް، ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓު ވިލިމާލޭ ހޮސްޕިޓަލުން އެ އިދާރާއަށް ހުށަހަޅާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 21:07 ހާއިރުއެވެ.
މި މައްސަލާގައި ހިމެނޭ އުމުރުން 37 އަހަރުގެ ދިވެހި އަންހެން މީހާ، އޭނާ ދިރިއުޅޭ ގޭގެ ފާހަނާ ތެރެއަށް ވިހާފައިވާ ކަމުގެ މައުލޫމާތު ހިއްސާކޮށް، އަމިއްލައަށް ވަނީ ހޮސްޕިޓަލުގެ އެހީތެރިކަމަށް އެދިފައެވެ. އެއާއެކު، ވިލިމާލޭ ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު ވަގުތުން އެ ގެއަށް ގޮސް، އަންހެން މީހާއާއި އޭނާ ވިހެއި ތުއްތު ކުއްޖާ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ހޮސްޕިޓަލަށް ގެންގޮސް އެ އަންހެން މީހާ އިތުރަށް ބެލިބެލުމުން، އޭނާގެ ބަނޑުގައި އިތުރު ކުއްޖަކު އޮތްކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ހާމަކުރެއްވިއެވެ. ނަމަވެސް، އެ ކުއްޖާ ވިއްސި އިރުވެސް އޮތީ ނިޔާވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ކަށަވަރުކޮށްދެއްވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވި ގޮތުގައި، އެ އަންހެން މީހާ ވިހެއި އެއްމާބަނޑު ދެ ކުދިންނަކީވެސް ފިރިހެން ކުދިންނެވެ. މީގެ ތެރެއިން ފުރަތަމަ ވިހެއި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.
ކައިވެނީގެ ބޭރުން ވިހެއި ކަމަށް ބެލެވޭ މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




